
މޫސުން ވަރަށް ގޯސް؛ ކޮންމެހެން އަރަންޖެހިގެން ނޫނީ ކަނޑު މައްޗަށް ނާރާ!
# މޫސުމާއިބެހޭ ގައުމީ އިދާރާ# މޫސުންމޫސުން ގޯސް ދުވަހެއް
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައިގަދަވުމާއެކު ކަނޑުތައް ނުތަަނަވަސްވެ ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިރުޝާދު ދީފިއެވެ.

މިގޮތުން ދަތުރަށް ފުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުމަށާއި، އުޅަނދުގައި ހުންނަންޖެހޭ މުވާސަލާތީ ނިޒާމާއި، ފެން ހިއްކާ ޕަންޕު އަދި ލައިފްޖެކެޓު ފަދަ ސަލާމަތީ ވަސީލަތްތައް ހުރީ ރަނގަޅު ހާލަތުގައިތޯ ޔަގީންކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުން ހުއްދަދެވިފައިވާ މިންވަރަށްވުރެ އިތުރަށް ބަރުނުކުރުމަށާއި މުދާ ރަނގަޅަށް އައްސާފައި ބެހެއްޓުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ކޯސްޓްގާޑުން އިތުރަށް އެދިފައިވަނީ ދަތުރުވެރިން ލައިފްޖެކެޓު ބޭނުންކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ފާރަވެރިވުމަށެވެ. ހާއްސަކޮށް ޑައިވިންގ އާއި މޫދު ކުޅިވަރުތައް އިންތިޒާމުކުރާ ފަރާތްތަކުން މޫސުމަށް ބެލުމަށާއި، މޫސުމާ ބެހޭ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރެފައިވާ ވަގުތުތަކުގައި ދަތުރުނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު، ދިވެހި ފުލުހުންގެ ހިދުމަތުންވެސް ވަނީ މޫސުން ގޯސްވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.
ސިފައިންގެ އިތުރުން ފުލުހުންގެ އިލްތިމާސްގައިވަނީ ކަނޑުދަތުރުފަތުރުގެ ގަވާއިދުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތީ ކަންކަން ފުރިހަމަކުރުމަށާއި، މުވާސަލާތީ ވަސީލަތްތަކާއި ލައިފްޖެކެޓުތައް ބޭނުންކުރެވޭ ހާލަތުގައި ހުރިތޯ ބެލުމަށް އަންގާފައެވެ. އަދި އުޅަނދުގެ ކެޕޭސިޓީއަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށާއި، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުތައް ރޭވުމަށް ވަނީ އެދިފައެވެ.
މިއަދާއި މި ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ، ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރުނުކުރުމަށްވެސް އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.
ގުޅުންހުރި

ހޮނިހިރު ދުވަހުން ފެށިގެން ހުރިހާ ހިސާބަކަށް ވެސް މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކޮށްފި

އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވޭ: މެޓް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި: ކަނޑުތައްވެސް ގަދަވާނެ!





