
ބަންދު ދުވަހަކަށް ބާޒާރަށް ބޭނުންވާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ބޭލުމާއި ކުލިއާކުރުން ކުރިޔަށް!
# އެމްޕީއެލް-
ހިޖުރީ އައު އަހަރުގެ މުނާސަބަތަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައި އޮތް ދުވަހެއް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް (ޕެރިޝަބަލް މުދާ) ވީހާވެސް އަވަހަކަށް ބާޒާރަށް ނެރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދުވެސް ދަނީ ޕޯޓުގެ ބައެއް އޮޕަރޭޝަންތައް ކުރިޔަށް ގެންދަމުންނެވެ.

އެގޮތުން އެމްޕީއެލުން ބުނީ އެ ކުންފުނިން ގެންގުޅޭ ޚާއްސަ ޢުސޫލުގެ ދަށުން މާލެ ވިޔަފާރި ބަނދަރުގައި މިއަދު އެއްވެސް މެދުކެނޑުމެއްނެތި އަވަހަކަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބޯޓުފަހަރުން ބޭލުމުގެ ބުރަ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންދާކަމަށެވެ.
އެގޮތުން ބަނދަރުގައި އަޅާފައި އޮތް ޖެނެރަލް ކާގޯ ވެސަލް "ސީ އެންޖަލް" އިން މުދާ ބޭލުމުގެ ހުރިހާ މަސައްކަތްތަކެއް މިއަދު ހަވީރުގެ ވަގުތެއްގައި އެމްޕީއެލްގެ ޓީމުތަކުން ވަނީ އެއްކޮށް ފުރިހަމަކޮށްފައެވެ. ބާޒާރުގެ ޑިމާންޑް ބޮޑުވެފައިވާ މި ދަނޑިވަޅުގައި މި ބޯޓުން ގިނަ އަދަދެއްގެ ބިހާއި، ފިޔާ އަދި އަލުވި ބާލައި، ބާޒާރަށް ނެރުމަށް ވަނީ ތައްޔާރުކޮށްފައެވެ.
މީގެ އިތުރުން، ބަނދަރަށް ކައިރިކުރި އެހެން ބޯޓެއް ކަމަށްވާ ޖެނެރަލް ކާގޯ ވެސަލް "ނަވާލް" އިންވެސް މުދާ ހުސްކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި އުޅަނދުންވެސް މައިގަނޑު ގޮތެއްގައި ބާލަމުންދަނީ ކޮންމެހެން ބޭނުންވާ ފިޔާ، އަލުވި އަދި ބިހުގެ ސްޓޮކްތަކެވެ.
ޕޯޓު ބަންދު ދުވަހެއްގެ ގޮތުގައި އޮތް ނަމަވެސް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިއަދު މެންދުރު 1:30 އާ ހަމައަށް ޕެރިޝަބަލް މުދާ ބަނދަރުން ކްލިއަރކުރުމުގެ ޚިދުމަތް އެމްޕީއެލްއިން ވަނީ މުދާ އެތެރެކުރާ ފަރާތްތަކަށް ހިލޭ ފޯރުކޮށްދީފައެވެ. މިއީ ބާޒާރުގައި ތަކެތީގެ އަގު އުފުލުނަނުދީ ހިފެހެއްޓުމަށާއި، ކާބޯތަކެތި ތާޒާކަންމަތީ އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން އެޅި ބޮޑު ފިޔަވަޅެކެވެ.
އެމްޕީއެލްއިން އިތުރަށް ބުނެފައިވާ ގޮތުގައި، ބާޒާރަށް ބޭނުންވާ މުދާ ނެރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ހަމަޖެއްސި ޚާއްސަ އިންތިޒާމްތަކުގެ ދަށުން، މިރޭ 20:00 އިން ފެށިގެންވެސް ޕެރިޝަބަަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް ބަނދަރުގައި ރޭގަނޑު ޝިފްޓުގައި ހުއްޓުމެއްނެތި ކުރިއަށްދާނެއެވެ. އެހެންކަމުން މުދާ އެތެރެކުރާ ވިޔަފާރިވެރިން އެ ކުންފުނީގެ އޮފިޝަލުންނާ ގުޅިގެން ވީހާވެސް އަވަހަކަށް މުދާ ނެރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްޕީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

ނިމުނު ހަފުތާގައި މާލޭ ބަނދަރުން 54,000 ޓަނަށްވުރެ ގިނަ މުދާ ކްލިއަރކޮށްފި

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން އެމްޕީއެލް އިން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

އެމް.ޕީ.އެލް އިން ރަސްފަންނުގައި ހަދާފައިވާ ފާޚާނާބަރި މިނިސްޓްރީ އާ ހަވާލުކޮށްފި
.jpeg&w=3840&q=75)



