logoEN
WAMCO TOP 1
ނިމުނު ހަފުތާގައި މާލޭ ބަނދަރުން 54,000 ޓަނަށްވުރެ ގިނަ މުދާ ކްލިއަރކޮށްފި

ނިމުނު ހަފުތާގައި މާލޭ ބަނދަރުން 54,000 ޓަނަށްވުރެ ގިނަ މުދާ ކްލިއަރކޮށްފި

އަހުމަދު ޝުރާއު

logo

8/9/2026, 8:46:18 AM

# އެމްޕީއެލް

-

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފުތާގައި އެކަނިވެސް 54,000 ޓަނަށްވުރެ ގިނަ މުދާ މާލޭ ވިޔަފާރި ބަނދަރުން ކްލިއަރ ކޮށްފިއެވެ.

THE TRAVELLER AD

އެމްޕީއެލުން އާންމުކޮށްފައިވާ ފާއިތުވި ހަފުތާގެ (2 އޮގަސްޓުން 8 އޮގަސްޓު 2026) ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭގެ ވިޔަފާރި ބަނދަރުން ޖުމްލަ 54,982.02 ފްރެއިޓް ޓަނުގެ މުދާ ވަނީ ކްލިއަރ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުތަކުން ހޭންޑްލްކުރި 34,705.86 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުތަކުން އުފުލި 20,276.16 ފްރެއިޓް ޓަނުގެ މުދާ ހިމެނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖުމްލަ 1,847 ކޮންސައިންމަންޓް ކްލިއަރ ކޮށްފައިވާއިރު، އޭގެ ތެރެއިން 1,515 ކޮންސައިންމަންޓަކީ ކޮންޓެއިނަރު ބޯޓުތަކުން އަދި 332 ކޮންސައިންމަންޓަކީ ޖެނެރަލް ކާގޯ ބޯޓުތަކުން ކްލިއަރކުރި މުދަލެވެ.

ކޮންޓެއިނަރު އޮޕަރޭޝަންތަކަށް ބަލާއިރު މުޅި ހަފުތާގައި ބަނދަރުގެ މަސައްކަތްތައް ކުރިއަށްދިޔައީ ވަރަށް ބާރުބޮޑުކޮށެވެ. އެގޮތުން 1,940 ޓީއީޔޫގެ ކޮންޓެއިނަރު ބޯޓުފަހަރުން ބާލާފައިވާއިރު، 1,770 ޓީއީޔޫގެ ކޮންޓެއިނަރު ވަނީ ބޯޓުފަހަރަށް ބަރުކޮށްފައެވެ. އެއާއެކު ޖުމްލަ ތްރޫޕުޓް ވަނީ 3,710 ޓީއީޔޫއަށް އަރާފައެވެ.

ބޯޓުފަހަރުގެ ދަތުރުފަތުރަށް ބަލާއިރު، މި ހަފުތާގައި ހަތަރު ކޮންޓެއިނަރު ބޯޓާއި ހަ ޖެނެރަލް ކާގޯ ބޯޓު ބަނދަރަށް ވަދެފައިވާއިރު، ތިން ކޮންޓެއިނަރު ބޯޓާއި ހަ ޖެނެރަލް ކާގޯ ބޯޓު ވަނީ މުދާ ބޭލުމަށްފަހު ފުރާފައެވެ.

އާންމު ބާޒާރަށް ބޭނުންވާ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް ގުޑްސް އަވަސްކާމާއެކު ކްލިއަރކުރުމަށް އެމްޕީއެލުން ދެމުންދާ ޚާއްޞަ އިސްކަމުގެ ތެރެއިން، މި މުއްދަތުގައި 104,784 ޕެކޭޖު ވަނީ ބަނދަރުން ކްލިއަރކޮށް ބާޒާރަށް ނެރެދީފައެވެ.

އެންމެ ގިނައިން ކްލިއަރ ކުރެވުނު މުދަލުގެ ތެރޭގައި 23,280 ޕެކޭޖުގެ ފިޔާއާއި، 21,327 ޕެކޭޖުގެ ކަރާއާއި، 19,400 ޕެކޭޖުގެ ކުކުޅުބިހުގެ އިތުރުން 11,540 ޕެކޭޖުގެ އަލުވި ހިމެނެއެވެ. މީގެ އިތުރުން 8,421 ޕެކޭޖުގެ ކެބެޖާއި، 3,678 ޕެކޭޖުގެ ދޮންކޭލާއި، 3,115 ޕެކޭޖުގެ އަލަނާސި އަދި 2,746 ޕެކޭޖުގެ ބަރަބޯ ހިމެނޭހެން ބަށި، ކާށި، ކުދީނާ، އިނގުރު އަދި ކެޕްސިކަމް ފަދަ ގިނަ ބާވަތްތަކެއްގެ ތަރުކާރީއާއި މޭވާ ވަނީ އާންމުންނަށް ލިބޭނެ ގޮތް ހަދައިދީފައެވެ.

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ދިރިއުޅުމުގެ މުހިންމު ސާމާނުގެ ބޮޑު ބަޔަކީ ކަނޑުމަގުން އެތެރެކުރާ މުދާ ކަމަށްވުމާއެކު، މާލޭ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އަވަސްކޮށް، ތަކެތި ތަގައްޔަރުވިޔަނުދީ ބާޒާރަށް ފޯރުކޮށްދިނުމަކީ ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެމްޕީއެލުން އަދާކުރާ އެންމެ މުހިންމު ދައުރެކެވެ.

އެމްޕީއެލްގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ބަނދަރުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، ވިޔަފާރިވެރިންނަށާއި އާންމުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ.

ކޮމެންޓް
ފަހުގެ
HDC